އާދިއްތަ, November 15
ޕީއެންސީއާ ބައިވެރިވެ ރައީސް މުޢިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފި

ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އާއެކު ކޯލިޝަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މި ނިންމުން ނިންމީ މިރޭ އޮތް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ފާސްކުރި ގަރާރަކުންނެވެ.

ދީނީ ކަންކަން ހަރުދަނާކޮށް، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކޮށް، އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ސަރުކާރާއެކު މަސައްކަތްކުރުމަށް އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފައިވަނީ ޕީ.އެން.ސީގެ ރައީސް، ރައީސް މުޢިއްޒެވެ.

އެ ދައުވަތު ޤަބޫލުކޮށް ފާސްކުރި ގަރާރުގައިވާ ގޮތުގައި، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.

އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުސޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މައިގަނޑު މަޤްސަދު ކަމަށާއި، ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ އަދާލަތު ޕާޓީގެ ދުސްތޫރުން މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު