Saturday, November 14
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސް އިފްތިތާހުކޮށްދެއްވައިފި

ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން ދިރުވައި އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ މާފަންނު ޓްރެކް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި މި މަޝްރޫޢާ ގުޅޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދެވެ. އަދި މަޝްރޫޢާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އިފްތިތާހީ ވީޑިއޯއެއްގެ އިތުރުން، ކެމްޕެއިނުގެ ރަސްމީ ލޯގޯ، މައި ޝިޢާރު އަދި ޚާއްޞަ ތީމް ލަވަ ވެސް ވަނީ ދައްކާލާފައެވެ. ރަސްމިއްޔާތު ނިންމާލީ ޚާއްޞަ ހަވާ އެރުވުމަކާއެކުގައެވެ.

މި މަޝްރޫޢަކީ ފަސް އަހަރު ދުވަހުގެ މަޝްރޫޢެކެވެ. މަޝްރޫޢުގެ ޝިޢާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. އަދި މަޝްރޫޢު އިފްތިތާހުކުރާ ދުވަސް، "ޤައުމީ އިޙްތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އަށް ވުޒާރާއަކާއި ޕަބްލިކް ސަރވިސް މީޑިއާ ހިމެނޭ ގޮތަށް ޖުމްލަ 9 އިދާރާއެއް ބައިވެރިވާ ސްޓީއަރިންގ ކޮމިޓީއަކުން ކަމަށް މިނިސްޓަރު ހީނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދިވެހިންގެ ތެރެއިން ނެތެމުންދާ މި ރީތި ސިފަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފައްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ލޯތްބާއި ކުލުނާއި ހިނިތުންވުމާއެކު އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރި ބައެއް ނަމަވެސް، ފަހަކަށް އައިސް ސިޔާސީ އޮއިވަރުގެ ތެރެއިން އެ ރީތި ސިފަ ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު