މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދިވެހި މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.
ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ހ. ކަރޯގެ، މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ) ގެ ބަންދެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ރަޝްވާންގެ މައްޗަށް ތުހުމަތުކުރަނީ، ބިދޭސީން ނިވާފަތްގަނޑަކަށް ހަދައިގެން ރޭވުންތެރިކަމާއެކު ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި އިސްކޮށް ހުރި ކަމުގެ ތުހުމަތެވެ.
ބަންދުގެ މަޖިލީހުގައި ރަޝްވާންގެ ވަކީލު ވަނީ، އެކަށީގެންވާ މުއްދަތަކަށް މިހާރުވެސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ ދޫކޮށްލުމަށް އެދިފައެވެ. ރަޝްވާން ހައްޔަރުކުރީ މިދިޔަ މަހުއެވެ.
މި މައްސަލާގައި ފުލުހުން ހ. މާދޫގޭ ބަލައިފާސްކުރިއިރު، ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލާގައި މީގެ ކުރިން ބަންގްލަދޭޝްގެ ތިން މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.






