އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އަދިވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤްވާމީ އެހީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ހޯދަންޖެހޭ ކަމަށެވެ.
ރާއްޖެއަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައި ކަނޑުތަކާއި ގުދުރަތީ ވަސީލަތްތަކުން މުހިންމު ދައުރެއް އަދާކުރާއިރު، އެ ވަސީލަތްތައް ހިމާޔަތްކުރުމަކީ އިޤްތިޞާދީ އަދި މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް31 ގައި އިސްކަންދެއްވި ތިން ކަމަށްވާ މޫސުމީ މާލީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، ވަޢުދުތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށް ވެސް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.






