Saturday, November 14
ފާފު އަތޮޅު ވިއްކާލަން ޔާމީން ޤާނޫނުއަސާސީ ވެސް ބަދަލުކުރެއްވި: އަޒާން

ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދެއްކެވުމާ ގުޅިގެން، އެމަނިކުފާނުގެ ވެރިކަމުގައި ފާފު އަތޮޅު ވިއްކާލަން ބޭނުންފުޅުވުމުން ޤާނޫނުއަސާސީ ވެސް ބަދަލުކުރެއްވި ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، އެ ބިން ދީފައި އޮތަސް އަނބުރާ ގެންނާނެ ކަމަށާއި އެއްވެސް ބަދަލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ވަކި އަދަދެއްގެ ފައިސާ އިންވެސްޓްކޮށް، 70 އިންސައްތަ ހިއްކުމުން އެ ބިމުގެ ފުރިހަމަ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭ ގޮތަށް ކަނޑައެޅުއްވި ކަމަށެވެ.

އަދި އޭގެ ފަހުން ބޭނުން ކޮންމެ މީހަކަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް އެ ބިން ވިއްކާލެވޭ ގޮތް އޮތް ކަމަށާއި، އޭރު އެއީ "ބޮޑު އިންވެސްޓްމަންޓެއް" ކަމުގައި ބެލެވުނު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ، މިހާރު ރައީސް ޔާމީން ދެކޮޅުހައްދަވަނީ ބިމުގެ ފުރިހަމަ މިލްކުވެރިކަން ދިނުން ވެސް ނުހިމެނޭ ރަސްމާލެ މަޝްރޫއަށް ކަމަށާއި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންވެސްޓަރުންނަށް ފުރިހަމަ މިލްކުވެރިކަން ދިނުމަކީ "ވިޝަނަރީ" ކަމަކަށް ވީ ނަމަވެސް، މިހާރު އެފަދަ މިލްކުވެރިކަމެއް ނުދީ ކުރާ އިންވެސްޓްމަންޓް މައްސަލައަކަށް ވެފައިވާ ކަމަށް ވެސް އަޒާން ފާޑުވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު