ރާއްޖޭގެ 516 ސަރަޙައްދެއްގެ މޫސުމީ މަޢުލޫމާތު ލިބޭނެ ގޮތަށް ޒަމާނީ ބަދަލުތަކާއެކު ފަރުމާކުރި "މޫސުން" އެޕްލިކޭޝަނާއި މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ގެ އައު ވެބްސައިޓް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމްތައް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފެވެ. ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާޙު ވަނީ މި ނިޒާމުގެ ފަންނީ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
މެޓް އޮފީހުން ބުނީ، ކުރީގެ އެޕްލިކޭޝަނުން މޫސުމީ މަޢުލޫމާތު ލިބުނީ ރާއްޖޭގެ ފަސް ސްޓޭޝަނަކުން ކަމަށާއި، އަލަށް ގެނެވުނު ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާޢީ ރަށްތަކާއި، އެއާޕޯޓުތަކާއި ފަޅުރަށްތައް ހިމެނޭ ގޮތަށް ޖުމްލަ 516 ސަރަޙައްދެއްގެ މަޢުލޫމާތު މިހާރު ލިބޭނެ ކަމަށެވެ.
މިއީ ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ކޮންމެ ތިން ގަޑިއިރަކުން މޫސުމީ މަޢުލޫމާތު އަޕްޑޭޓްވަމުންދާ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ވެދަރ ރާޑަރުތަކުގެ މަޢުލޫމާތާއި، ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން ބިންހެލުމާ ގުޅޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. އަދި މޫސުމާ ގުޅޭ ކުއްލި ނުރައްކަލުގެ އިންޒާރުތައް ވަގުތުން ވަގުތަށް ނޮޓިފިކޭޝަންގެ ގޮތުގައި ފޯނަށް ލިބިގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، މި ބަދަލުގެ މައިގަނޑު ބޭނުމަކީ ޢާންމުންނަށް ބޭނުންކުރުމަށް ލުއިފަސޭހަ، ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ޞައްޙަ އަދި ތަފްޞީލީ މަޢުލޫމާތު ލިބޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި އެޕް ތައްޔާރުކޮށްފައިވަނީ ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޕްލެޓްފޯމްތައް ތަރައްޤީކޮށްފައިވަނީ މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ހިންގާ "ތައްޔާރު" މަޝްރޫޢުގެ ދަށުންނެވެ. ޗައިނާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުގެ މަޤްޞަދަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެން.ޑީ.ޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ވިދާޅުވީ، މި އެޕްލިކޭޝަން މެދުވެރިކޮށް ރަސްމީ މޫސުމީ ލަފާކުރުންތަކާއި ކަނޑުދަތުރާ ގުޅޭ މަޢުލޫމާތާއި އިންޒާރުތައް، އެ މަޢުލޫމާތު އެންމެ ބޭނުންވާ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
މެޓް އޮފީހުގެ އައު ވެބްސައިޓް މިއަދުން ފެށިގެން ޢާންމުންނަށް ހުޅުވާލާފައިވާއިރު، "މޫސުން" އެޕް އެޕަލްގެ އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.






