ޕޮލެންޑްގެ ކްރަކޯވް ސިޓީގެ މައި މާކެޓް މައިދާނަށް ހޮނިހިރު ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 3:00 ހާއިރު ކާރެއްގައި ވަދެގަތް މީހަކު، އެ ސަރަހައްދުގައި ތިބި އާންމުންނަށް ބަޑީގެ ހަމަލާދީ 6 މީހަކު ވަނީ މަރާލާފައެވެ.
މި ހާދިސާގައި ދިހައަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އަނިޔާވި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރުން ވެސް ހިމެނެއެވެ. ފުރަތަމަ ރިޕޯޓުތަކުގައި މަރުވި މީހުންގެ އަދަދަކީ ފަހެއް ކަމަށް ބުނި ނަމަވެސް، ސަރަހައްދީ ސަރުކާރުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ ހައަކަށް އަރާފައެވެ.
ފުލުހުން ބުނީ ހަމަލާ ދިން މީހާއަކީ ޕޮލެންޑްގެ ފިރިހެނެއް ކަމަށާއި، ފުލުހުންނާ ދެމެދު ހިނގި ބަޑިޖެހުމުގައި އޭނާއަށް އަނިޔާވުމުން ހައްޔަރުކޮށް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ހަމަލާ ދިން މީހާ ހުރީ އަސްކަރީ ސްޓައިލްގެ ހެދުމެއް ލައިގެން ކަމަށާއި، ހަމަލާ ދިނުމުގައި ބޭނުންކުރީ އަސްކަރިއްޔާއިން ގެންގުޅޭ ވައްތަރުގެ ދިގު ބަޑިއެއް ކަމަށެވެ. އަދި އޭނާގެ ކާރުން ގިނަ އަދަދެއްގެ ހަތިޔާރު ވެސް ހޯދާފައިވާ ކަމަށާއި، އޭނާ މި ހަމަލާ ދީފައިވަނީ އެކަނި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވިދާޅުވީ، ކްރަކޯވްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅޭ މަޢުލޫމާތު ދާޚިލީ ވަޒީރު މެދުނުކެނޑި އެމަނިކުފާނަށް ދެމުން ގެންދަވާ ކަމަށާއި، ހަމަލާ ދިނުމުގެ ސަބަބުތަކާއި ހާދިސާއާ ގުޅުންހުރި ހުރިހާ ކަމެއް ފުލުހުން ތަޙުޤީޤުކުރަމުންދާ ކަމަށެވެ.






