އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް މައުލޫމާތާއި ފޮޓޯ ހާމަނުކުރަން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް އާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން ވެސް އެ މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހަވާލާދީ އެ މިނިސްޓްރީން ބުނީ، ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ޒާތީ މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ. މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތާއި ފޮޓޯ މީޑިއާގައި ޝާއިއުކުރުން މަނާކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
"ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް،" އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.






