އދ. ދަނގެތީގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި އެވެ.
މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެފްއެސްއެމް ގުޅިގެން ކުރަމުން އަންނަ މަސައްކަތެކެވެ.
މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު މި ރަސްމިއްޔާތު ޝަރަފުވެރިކޮށް، ފިއުލް ސްޓޭޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވިއެވެ. އެ ރަސްމިއްޔާތުގައި ރަށުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.
އެފްއެސްއެމުން ބުނީ، ދަނގެތީގައި މި ޚިދުމަތް ފެށުމާއެކު، މަސްވެރިންނަށް މާލެއިން ތެޔޮ ވިއްކާ އަގުގައި ދަނގެތިން ވެސް ޑީސަލް ލިބެން ހުންނާނެ ކަމަށެވެ. މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެ ކަމަށް ވެސް އެފްއެސްއެމުން ބުނެފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތަކަށް ލުއި ފަސޭހަކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެފްއެސްއެމުން ސިފަކޮށްފައެވެ.






