ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް މިއަހަރުގެ މެއި 16 ގައި ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ އާދަޔާޚިލާފު ހިތްވަރާއި ޚިދުމަތް ފާހަގަކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާގެ ހަނދާނަށް އަރުވައިފިއެވެ.
ރާއްޖެއާއި އިޓަލީގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި މަހުދީގެ އާއިލާއާ މި މެޑަލް ހަވާލުކޮށްދެއްވީ އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އާއި މިނިސްޓަރު މުޙައްމަދު ސަޢީދެވެ. މީގެއިތުރުން، އޭނާގެ އާއިލާއަށް އެހީތެރިވުމަށް ޚާއްޞަ ފަންޑްރެއިޒިންގ ހަރަކާތެއްވެސް ވަނީ ފަށާފައެވެ.






