"ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެއާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ގަތުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ވަނީ ހުޅުވާލާފައެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށެވެ. އަދި މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުންނެވެ.
ވިއްކުމަށް އިޢުލާނުކޮށްފައިވާ ބިންތަކުގެ ތެރެއިން 21 ބިން ހިމެނެނީ މާފަންނުގައެވެ. މީގެ އިތުރުން މައްޗަންގޮޅިން 10 ބިމާއި ހެންވޭރުން 9 ބިމާއި ގަލޮޅުން 7 ބިމާއި ވިލިނގިލިން 1 ބިން ހިމެނެއެވެ.
މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުޞޫލު" ގެ ދަށުންނެވެ.
ބިން ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ޚާއްޞަ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް 8 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަސް 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
އެޕްލިކޭޝަން ފޯމާއި ވިއްކާ ބިންތަކުގެ ޗާޓު 8 ނޮވެންބަރު 2026 އިން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުންނާއި ރަސްމީ ވެބްސައިޓް infrastructure.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.






