ކުރީގެ ސަރުކާރާ އަޅާބަލާއިރު، ރަސްމީ ރޭޓުގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ވަގުތު، އެ މައްސަލައަށް ރައްދުދެއްވަމުންނެވެ.
މިނިސްޓަރު ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރުގައި ރަސްމީ ރޭޓުގައި ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، 15.42 ރުފިޔާގެ ރަސްމީ ރޭޓުގައި މި ސަރުކާރުން ވަނީ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައެވެ.
އެގޮތުން 2025 ވަނަ އަހަރު 733.82 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 718.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރަމުން އަންނަނީ ވިޔަފާރިތަކަށް ޓީޓީ ހަދައިދިނުމަށާއި، ތަޢުލީމާއި ބޭސްފަރުވާއަށާއި، ދަތުރުފަތުރާއި އީ-ކޮމާސް މުޢާމަލާތްތަކަށް ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތް ހެދުމަކީ އޭގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
އެހެންކަމުން، މި ސަރުކާރުން ޑޮލަރު ދޫނުކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.






