Wednesday, November 4
މިއަހަރު ދައުލަތުގެ އާމްދަނީ 5.3 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ 29 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މާލިއްޔަތު ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 32.79 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބަދަލެވެ. މިއަހަރު ޓެކްސް އާމްދަނީ ވަނީ 9.1 އިންސައްތަ އިތުރުވެ 26.70 ބިލިއަން ރުފިޔާއަށް އަރާފައެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 24.48 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ ވަނީ 5 އިންސައްތަ އިތުރުވެ، 8.88 ބިލިއަން ރުފިޔާއިން 9.32 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވެދިޔަ ހަފުތާގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީއިންނެވެ.

މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނެގޭ ޓެކްސް 23.7 އިންސައްތަ އިތުރުވެ 6.07 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ 12.3 އިންސައްތަ އިތުރުވެ 2.90 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އާންމު މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.3 އިންސައްތަ އިތުރުވެ 1.88 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން، ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން މުދަލުން ލިބޭ އާމްދަނީ 28.2 އިންސައްތަ އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ނަމަވެސް ޖުމްލަ ޓެކްސް ނޫން އާމްދަނީ ވަނީ 8.8 އިންސައްތަ ދަށަށް ގޮސްފައެވެ. ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 0.53 ބިލިއަން ރުފިޔާއެވެ.

ރިޕޯޓުގައިވާ ގޮތުން، 29 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 38.99 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު 12 އިންސައްތަ އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އަދި އެހީއާއި ސަބްސިޑީއަށް ކުރި ހޭދަ 34.9 އިންސައްތަ އިތުރުވެ 10.81 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާއާއި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

29 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު