ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކެނޑުނު ކަރަންޓު، ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޓެކްނިކަލް މައްސަލައަކާ ހެދި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 01:12 ހާއިރުގައެވެ.
އެއަށްފަހު ސްޓެލްކޯއިން ބުނެފައިވަނީ، ކަރަންޓު މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުމަށް މެދުވެރިވި ސީދާ ސަބަބެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަސްޓަމަރުން ވާނަމަ، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ 1545 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.






