Tuesday, November 3
ނަސްރުގެ ދުވަހަކީ ދިވެހިންގެ ހިތްވަރު މުޅި ދުނިޔެއަށް ފެނިގެންދިޔަ ދުވަހެއް: ރައީސް މައުމޫން

ނަސްރުގެ ދުވަހަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ފެނިގެންދިޔަ ތާރީޚީ ދުވަހެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ އެންމެހައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޝުޢޫރުތައް އުތުރިއަރާ ދުވަހެއް ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި، މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން، އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދި، ރައީސް މައުމޫން ވަނީ މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހި ޚާއިނުންގެ މަދު ބަޔަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުން ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާއާ ދެކޮޅަށް ދިވެހި ސިފައިންނާއި ރައްޔިތުން ކުރި މަތިވެރި ޖިހާދާއި ޤުރުބާނީގެ ހަނދާން އައުކުރުމަށެވެ. އެ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

އެ ހަމަލާ ދިން އިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީ ރައީސް މައުމޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު