ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތަކީ މިހާރަށްވުރެ ހަރުދަނާ ޖަމާއަތަކަށް ހަދަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ (ޗޮގަމް) ކުރިން ބޭއްވި، ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، މި ޒަމާނުގެ ބޭނުންތަކަށް ފެތޭ، ކުރިއަރަމުންދާ ޖަމާއަތަކަށް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ތަރައްގީއަށް، މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީ ހޯދައިދިނުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކަށް ހައްލު ހޯދުމަށް، މާލީ ނިޒާމު އިސްލާހުކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޤައުމެއްގެ ބޮޑުމިނަށް ނުވަތަ ގާބިލުކަމަށް ބެލުމެއްނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އިސް މަގާމުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
ކޮމަންވެލްތު އާއިލާގެ ކުރިއެރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.






