Monday, November 2
ރީކޯ މޫސާ ރަހުނުކޮށްފައިވާ ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ރަހުނުކޮށްފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފިއެވެ.

މި ހުއްދަ ދީފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި އަމުރެއްގައެވެ. ރަހުނުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މޫސާގެ ކުންފުނި ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މޫސާގެ އިތުރުން މުދުރިކަތު މޫސާއާއި ބުޝައިނަތު މޫސާ ހިމެނެއެވެ.

ވިއްކާލަން ހުއްދަ ދީފައިވަނީ ލ. ފަރެހާއި އެ ރަށުގައި ހަދަމުންދާ ރިސޯޓާއި، ލ. ބޮޑުހުރާގެ ހެޑް ލީސް ރައިޓާއި ލ. ކުޑަފަހަރެހުގެ ހެޑް ލީސް ރައިޓެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ބޭންކަށް ދަރަނީގެ ފައިސާ ދައްކަން ކުރި ހުކުމާ އެއްގޮތަށް ހެވީ ލޯޑުން ފައިސާ ނުދައްކާތީ، ރަހުނުކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދައަށް ބީއެމްއެލްއިން އެދުނީއެވެ. މިހާރު ނުދައްކާ އޮތް ފައިސާގެ ޖުމްލަ އަދަދަކީ 29.5 މިލިއަން ޑޮލަރެވެ. ރަށްތައް ވިއްކާލުމަށް ބޭންކުން އެދުމުން، ރަހުނުކުރި ފަރާތްތަކުން އެކަމަށް އިއުތިރާޒެއް ހުށަހަޅާފައެއް ނުވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ތިން މަސް ދުވަހުގެ ތެރޭގައި މި ރަހުނުތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދެއެވެ. ފުރަތަމަ މަހު 46,633,000 ޑޮލަރަށާއި ދެވަނަ މަހު 40,820,000 ޑޮލަރަށް ވިއްކާލުމަށް ހުއްދަ ދީފައިވާއިރު، ފުރަތަމަ ދެ މަހު ނުވިއްކިއްޖެނަމަ ތިންވަނަ މަހު 38,779,000 ޑޮލަރަށް ވިއްކާލެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ރަށްތައް ވިއްކާލެވިއްޖެނަމަ، އެކަން ކޯޓަށް އަންގައި، 10 ދުވަހުގެ ތެރޭގައި ލިބުނު ފައިސާ ކޯޓަށް ޖަމާކުރަން ބީއެމްއެލްއަށް އަމުރުކޮށްފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަށްތައް ނުވިއްކޭނަމަ، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަންވާނެ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު