ރައްޔިތުންނަށް ގިނަ ފުރުޞަތުތައް ފަހިކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޖާގަދީގެން ރައްޔިތުން މުއްސަނދިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅުވައިގެން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން އެދޭ މިސްރާބަށް ކަމަށެވެ. އަދި އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީވެސް އުފެއްދުންތެރިންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން ކަމަށާއި، ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުދި ވިޔަފާރިތައް އުފައްދަން ފުރުޞަތުދޭން އަޅުގަނޑު ބޭނުންވަނީ. މެދުފަންތީގެ ވިޔަފާރިތައް އުފައްދަން ފުރުޞަތުދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުން މުއްސަނދިކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ މިފަހަރު މިފެންނަނީ ކުރީ ފަހަރުގެ ޑަބަލް. ގިނަ އަދަދަކަށް އުފެއްދުންތައް އުފައްދައިގެން ރައްޔިތުން ބައިވެރިވެގެން އުޅުއްވާތަން،" ރައީސް ވިދާޅުވިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މުހިންމު ތިން ނިންމެވުމެއް ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތެއް ކޮށްދީގެން ފައިސާ ނުލިބި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
މީގެއިތުރުން، ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ މިންވަރު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަދަލު ގެނެވޭނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތަކާއެކު ސަރުކާރުން އަމާޒުކޮށްފައިވަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނު އިސްލާހުކުރުން ފަދަ ގިނަ ލުއިތަކެއް މިއަހަރުގެ ތެރޭގައިވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.






