Saturday, October 31
ހުޅުމާލޭގައި 15 ޕާކިންގ ބިލްޑިންގ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި ޕާކިންގ ބިލްޑިންގތައް އެޅުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުމަރު ޒާހިރު އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު އަމީނެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމާން ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 15 ޕާކިންގ ބިލްޑިންގ ހަދާނެއެވެ.

ޕާކިންގ ބިލްޑިންގ ތަކުގައި ޖުމްލަ 3920 ކާރު ސްލޮޓް އަދި 3426 ސައިކަލް ޕާކުކުރާނެ ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެތެރެއިން 90 އިންސައްތަ ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުންނެވެ. އަދި ބާކީ 10 އިންސައްތަ ދޫކުރަން ނިންމާފައިވަނީ ޕާކިންގ ބިލްޑިންގ ތަކުގެ ގްރައުންޑް އަދި އެންމެ މަތީ ފްލޯގައި ހަދާ ކެފޭ/ރެސްޓޯރަންޓާއި ކުޅިވަރު ހޯލުތަކަށްދާ މީހުންނަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތް ދެ އަހަރު ދުވަސްތެރޭގައި ޕާކިންގ ބިލްޑިންގތައް ނިންމާނެ ކަމަށެވެ.

ޕާކިންގ ބިލްޑިންގތަކުގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން އަދި ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު