ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ "އޭޝިއާ-ޕެސިފިކް އޯޝަން ވީކް" ގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
މި ހަފުތާގައި ބާއްވާ މި ބައްދަލުވުމުގައި ދިވެހި ވަފުދުން، އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ މަންދޫބުންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އެ ވުޒާރާއިން ބުނީ، މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި ހުރި އެންމެ ރަނގަޅު އުސޫލުތަކާއި ކާމިޔާބު ތަޖުރިބާތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާކުރުން ކަމަށެވެ.
މީގެ އިތުރުން، ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ޙިމާޔަތްކުރުމަށްޓަކައި އެޅިދާނެ ހަރުދަނާ ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އެކަށައެޅުމުގައި ސަރަޙައްދީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ވެސް މި ބައްދަލުވުމުގެ ތެރެއިން މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަކީ ބޮޑުބައެއް ކަނޑު އެކުލެވިގެންވާ ޤައުމަކަށް ވުމާއެކު، ކަނޑުތަކުގެ ރައްކާތެރިކަމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ނުހަނު މުހިންމު ކަމެކެވެ.






