އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔަ ދިވެހި ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރައިގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަށް ފޮނުވި ސިޓީގައި އެމްޖޭއޭއިން ފާހަގަކޮށްފައިވަނީ، އެ ދަތުރަކީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމަށްވާ އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ އަގުވައްޓާލައި، އެ ފަރާތްތަކާ މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށް ވީޑިއޯތައް ހަދަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޫސްވެރިންނަކީ "ގައްދާރުން"، "ޒަޔަނިސްޓުން" އަދި "ޔަހޫދީން" ގެ ގޮތުގައި ލޭބަލްކޮށް ހުތުރު ބަހުން ފުރައްސާރަ ކުރަމުންދާ ކަމަށާއި، ދުބާއީން ޚަބަރުތައް ގެނެސްދިން ގޮތާ ގުޅިގެން ވެސް ބައެއް ފަރާތްތަކުން ފުރައްސާރަ ކުރަމުންދާ ކަމަށެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ބަޔަކު ނިސްބަތްވާ މީޑިއާތަކުގެ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާއިރު، ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުން ވަކިވަކި ނޫސްވެރިންނަށް ކުރާ ފުރައްސާރައަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ މެދުގައި ބިރުވެރިކަމެއް އުފެދި، ޒާތީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސިޓީގައި އެމްޖޭއޭއިން ވަނީ ތިން ކަމަކަށް އެދިފައެވެ. އެއީ މި ޝަކުވާ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ކެމްޕޭންތަކުގެ ފަހަތުގައި ތިބި ފަރާތްތަކާ މެދު ރަސްމީ ތަހުގީގެއް ފެށުމަށާއި، އަނިޔާ ލިބުނު ނޫސްވެރިންގެ ސަލާމަތީ ރިސްކް އެސެސްމެންޓެއް ވަގުތުން ހެދުމާއި، އެ ފަރާތްތަކަށާއި އާއިލާތަކަށް އެކަށީގެންވާ ފުލުހުންގެ ހިމާޔަތް ހަމަޖައްސައިދިނުމަށެވެ. ނޫސްވެރިންނަށް ފުރައްސާރަކޮށް ރައްދުކޮށްފައިވާ ބަސްތައް ހިމެނޭ ބައެއް ސްކްރީންޝޮޓްތައް ވެސް ސިޓީއާއެކު ވަނީ ހިމަނާފައެވެ.
މި މައްސަލައާ ގުޅިގެން އެމްޖޭއޭގެ ރައީސް ނާއިފް އަޙްމަދު ވިދާޅުވީ، ހަމައެކަނި ވަޒީފާ އަދާކުރުމުގެ ސަބަބުން އެއްވެސް ނޫސްވެރިއެއްގެ ސަލާމަތާމެދު ނުވަތަ އާއިލާގެ ރައްކާތެރިކަމާމެދު ބިރުގަންނަން ޖެހިގެން ނުވާނެ ކަމަށެވެ.
"ނޫސްވެރިން ބިރުގަންނަވައި ފަހަތައްޖައްސުވައިލުމަށް އެމީހުންގެ ފޮޓޯ ދައުރުކުރުމާއި، ގައްދާރުންގެ ގޮތުގައި ލޭބަލްކުރުމާއި، ރޭވިގެން އަގުވައްޓާލުމުގެ ކެމްޕޭންތައް ހިންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް. އެޑިޓޯރިއަލް ވިސްނުމާ މެދު ހުންނަ ޚިޔާލުތަފާތުވުންތަކަކީ އެއްވެސް ހާލެއްގައި އަމާޒުކޮށްގެން ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ އިމަށް ފަހަނައަޅައި ގޮސްގެންވާނެ ކަމެއް ނޫން،" ނާއިފް ވިދާޅުވިއެވެ.






