Monday, November 2
ތައުލީމު ހާސިލު ކުރުމަށް ބޭރަށް ފުރާ ދަރިވަރުން އެމްބަސީގައި ރަޖިސްޓްރީވުމަށް އެދިއްޖެ

ތައުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު އެދިވަޑައިގެންފިއެވެ.

ޑރ. ހާލާ މިގޮތަށް އެދިވަޑައިގެންނެވީ ތުރުކީއިން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަރިވަރުންނާއި މުޚާތަބު ކުރައްވައި ޑރ. ހާލާ ވިދާޅުވީ ތައުލީމު ހާސިލުކުރުމަށް ފުރާ ދަރިވަރުން އެމްބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އޭރުން ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑރ. ހާލާ ވަނީ ތުރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީއިން އެ ގައުމުގައި، މަތީ ތައުލީމު ހާސިލު ކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީކަން ދެއްވައިފައެވެ.

ޑރ. ހާލާ ވަނީ ތުރުކީވިލާތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އެ ގައުމުގެ އާދަކާދައާއި ސަގާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުސަތުތަށް ހިމެނޭއިރު، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވިފައެވެ. އަދި އޭގެތެރެއިން 11 ދަރިވަރުން ވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު