Wednesday, October 28
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމްކުރުން ފަސްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި ވަނީ މާދަމާ، މި މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ހުކުމް އިއްވުން މާދަމާ ނުބާއްވާނެކަން ޔާމީންގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން ވަނީ އަންގައިފައެވެ.

ދެން ހުކުމް އިއްވާނެ ވަކި ތާރީޚެއް ކޯޓުން އަދި ކަނޑައަޅާފައި ނުވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމައި، ހުލާސާ ބަޔާން އިއްވާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށެވެ. މި މައްސަލައިގައި ފުރަތަމަ ތުހުމަތުކުރި 6 ފަރާތުގެ ތެރެއިން ޔާމީން ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްވެފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރީ ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށެވެ. އެ މުއާމަލާތަކީ ޔާމީނަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ހުލާސާ ބަޔާން އިއްވި މަޖިލީހުގައި ޔާމީންގެ ވަކީލުން ވިދާޅުވީ، ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. އެމަނިކުފާނުގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނާ ތާރީޚަކީ ފުއްގިރި ދޫކުރިތާ 9 މަސްދުވަސް ފަހުން ކަމަށް ވާއިރު، އެ ފައިސާއާއި މުއާމަލާތާ ގުޅުވޭނެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

މިއީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު