Wednesday, October 28
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށާއި، އެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެކަމާމެދު މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަރާރު ހުށަހަޅުއްވާފައިވާ ކަމަށް ވެސް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.

ގަރާރުގައިވާ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާ ކަމަށް ބެލެވެން ނެތުމުން، ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމައި، ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފައެވެ.

އެހެންކަމުން ފަނޑިޔާރުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވާތީ، އެކަމުގެ ޒިންމާ ޖޭއެސްސީން އުފުލައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަރާރުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ގައެވެ. އެ މައްސަލައިގައި ސުޢޫދު އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާއާއި މަހާޒް މަގާމުން ވަކިކުރަން ޖޭއެސްސީން ދިން ލަފައާ ގުޅިގެން، މިދިޔަ އަހަރު މަޖިލީހުން ވަނީ ދެ ފަނޑިޔާރުން ވަކިކޮށްފައެވެ.

ދެ ފަނޑިޔާރުން ވަކިކުރީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރި މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގައެވެ.

ނަމަވެސް، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، ދެ ފަނޑިޔާރުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން އެންގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. މައްސަލަ ފައިލްކުރުމާ އެކު، މަހާޒް ވިދާޅުވީ އެ ތުހުމަތުތަކަކީ ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަން ބަޔަކު ކުރި ކަމެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު