Wednesday, October 28
ޒިންމާދާރު އިންވެސްޓްމެންޓްތައް ކާމިޔާބުކޮށްދިނުމުގައި ރާއްޖެ ސާބިތުވެ އޮންނާނެ: ރައީސް

ރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމެންޓްތަކަށް ހުޅުވިފައިވާ ޤައުމެއް ކަމަށާއި، ރާއްޖެއަށް ގެންނަ އިންވެސްޓްމެންޓްތައް ކާމިޔާބުކޮށްދިނުމުގައި ރާއްޖެ ސާބިތުވެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރާގައި މިއަދު ފެށި ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެންނެވެ.

މި ފޯރަމްގައި 100 އަށްވުރެ ގިނަ ފަރާތްތަކެއް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ވަނީ، ރާއްޖެ މިހާރު ތަޖުރިބާކުރަމުން އަންނަނީ ގައުމީ ތަރައްގީގެ ގޮތުން މުހިންމު ދުވަސްވަރެއް ކަމަށް ސިފަކުރައްވައިފައެވެ. 2040 އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒު ކަމަށާއި، އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ގައުމުގެ އިގުތިސާދު ސިންދަފާތުކޮށް، އީޖާދީ މަސައްކަތްތައް ހަލުވިކޮށް، އިންވެސްޓަރުންނާ އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތައް ހަމައެކަނި ބައިނަލްއަގުވާމީ މާކެޓުގައި ބައިވެރިވުމެއް ނޫން. ބޭނުންވަނީ އެ މާކެޓުގައި ވާދަކޮށް ކާމިޔާބު ބަޔަކަށްވާން. މި ކަމުގައި ޗައިނާއަށް މުހިންމު ބައިވެރިއަކަށް ވެވިދާނެ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އައު ފޮރިން އިންވެސްޓްމެންޓް ގާނޫނެއް ތައާރަފުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ ގާނޫނުގެ މަގުސަދަކީ އެފަދަ މުއާމަލާތްތަކުގައި ދެފުށްފެންނަ މިންވަރު އިތުރުކޮށް، ސިޔާސަތުތައް ހިފެހެއްޓުމާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައާއި، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ލޮޖިސްޓިކްސްއާއި، މަސްވެރިކަމުގެ ދާއިރާގެ ޒަމާނީ ޕްރޮސެސިންގ މަސައްކަތްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސްއާއި، ސިއްހީ ދާއިރާއާއި، މާލީ ޚިދުމަތްތަކާއި، ދެމެހެއްޓެނިވި ތަރައްގީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޗައިނާގެ އަލިޕޭ އާއި ވީޗެޓް ރާއްޖޭގައި ތައާރަފުކުރުމަށްފަހު، މިދިޔަ ޖަނަވަރީއިން ފެށިގެން ސެޕްޓެމްބަރާ ހަމައަށް 73,000 މުއާމަލާތެއް ކޮށްފައިވާ ކަމަށާއި، އޭގެ އަގަކީ 11 މިލިއަން ޑޮލަރު ކަމަށެވެ.

ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މި ފޯރަމްގެ ސަބަބުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ކުރިއަށް އޮތްތާގައި ވެސް ދެ ޤައުމުން އެއްބަސްވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާ ހުންނާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވިއެވެ.

ރައީސް މުއިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިން އެ ޤައުމެއްގައި ބިޒްނަސް ފޯރަމެއް ބާއްވާއިރު، މިހާތަނަށް ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތާއި ޕާކިސްތާނުގައި ބިޒްނަސް ފޯރަމްތައް ވަނީ ބާއްވާފައެވެ. މީގެ ތެރެއިން އިންޑިއާގެ ތިން ސިޓީއެއްގައި ފޯރަމް ބާއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު