ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށީގެ އާރްސީ ކީ-ވޯލް ބްލޮކްތައް އެތުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ފޮއްދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، އެ ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އާ ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ކީ-ވޯލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ޖެޓީއެއް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ފޮއްދޫއަކީ 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ގިނަ ދަތިތަކެއް ތަޙައްމަލުކުރަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފޮއްދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އެ ދުވަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ފޮއްދޫ ރައްޔިތުން ހިތާމަވެރި އެތައް ހާދިސާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެކަމަށް ދާއިމީ އަދި ރައްކާތެރި ހައްލެއް ހޯދައިދިނުން ކަމަށެވެ.
ފޮއްދޫއަކީ ލޯކަލް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވުމުން، މި މަޝްރޫޢު ނިމުމުން ރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ބޮޑު މަގުފަހިކަމެއް ލިބޭނެއެވެ.






