ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވީ އިއްޔެ، ރައްޔިތުންގެ މަޖިލިސް ކުރާގޭގައެވެ. ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ބަންގްލަދޭޝްއަކީ ދިވެހިރާއްޖެއާ ޒަމާނުއްސުރެ ވަރަށް ގާތް އަދި ބަދަހި ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ޢަބްދުއްރަޙީމް ވަނީ ދެއްވާފައެވެ.
ސަފީރު ނަޒްމުލް އިސްލާމް ވެސް ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.






