Monday, November 2
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ގަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަޚްސިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

މަރުޙޫމް ޢަބްދުލްމަޖީދަކީ މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއް ކަމަށާއި، ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މައުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ގައުމަށް ޚިދުމަތްތެރި، އިލްމީ، ގާބިލު ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓު ނިންމަވައިލައްވަމުން ވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައ، މަރްޙޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށާއި، ރަހުމަތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު