Tuesday, October 27
ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން އޮޑިޓުން ހާމަވެއްޖެ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2023 ވަނަ އަހަރު ނިމުނުއިރު ލިބެންޖެހޭ 461 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ރިޕޯޓަކީ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2023 ޑިސެމްބަރު 31ގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ޖުމްލަ 461,016,716 ރުފިޔާ ނުލިބި ހުއްޓެވެ. މި ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، 2025 ވަނަ އަހަރުގެ މެއި މަހު އޮޑިޓަށް މައުލޫމާތު އެއްކުރިއިރު މި އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާ ކަމަށް ރިޕޯޓުގައިވެއެވެ.

ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 21.1 މިލިއަން ރުފިޔާ، ރެވެނިއު ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާ، ރޯޔަލްޓީގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އަދި ބޮންޑް ފީއާއި ޕްރޮސެސިންގ ފީ ފަދަ ފީތަކުގެ ގޮތުގައި 92,203 ރުފިޔާ ހިމެނެއެވެ.

ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުތަކުން ދެއްކުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި 135 މިލިއަން ރުފިޔާއަކީ ނުލިބި ތިން އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ފައިސާ ކަމަށް ވެސް އޮޑިޓުން ދައްކައެވެ.

ދިގު މުއްދަތަކަށް ނުލިބި ހުރި މި ބޮޑު އަދަދަކީ ދައުލަތަށް ލިބެންޖެހޭ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް، ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ކޯޓު މަރުހަލާ ނިމި ހުކުމް ތަންފީޒުނުވެ ހުރި މައްސަލަތަކުގައި ފައިސާ ހޯދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވަނީ ކަސްޓަމްސްއަށް އިލްތިމާސްކުރައްވާފައެވެ. އަދި އިގުތިސާދީ ބޭނުންތަކަށް ދޫކުރާ ޑިއުޓީ އިނާޔަތްތައް ބާތިލުކުރާ ހާލަތްތަކުގައި ފައިސާ އަނބުރާ ހޯދުމަށް ބޭނުންވާ ގާނޫނީ އަދި ގަވާއިދުގެ އިސްލާހުތައް ގެނައުމަށް ވެސް ލަފާދެއްވާފައިވެއެވެ.

2023 ވަނަ އަހަރު ކަސްޓަމްސްއިން ދައުލަތަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދައިދީފައިވާއިރު، މިއީ އެ އަހަރު ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ 11 އިންސައްތައެވެ. އެ އަހަރު ކަސްޓަމްސްގެ ބަޖެޓުން 248.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 194.3 މިލިއަން ރުފިޔާ ޚަރަދުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު