Monday, October 26
ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

ބަންގާޅު ކަނޑުގައި އުފެދިފައިވާ "އަރްނަބް" ތޫފާން ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް، އިންޑިއާއާ ދިމާލަށް ކަމަށްވާތީ، މި ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓަރު ވިދާޅުވީ، މިހާރު ވިއްސާރަކުރަމުން މިދަނީ އެ ތޫފާނާ ގުޅިގެން ނޫން ކަމަށެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މިއަދުން ފެށިގެން ލަފާކުރާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަނީ ގޯސްވެފައެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ދަނީ އާންމުންނަށް ސަމާލުތައް ނެރެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު