ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ބޭރުގެ ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ޖަލްސާގައި ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 43 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙަކާ ގުޅިގެން މި ފަރާތްތަކުން ޓެކްސް ނަގަން ފެށީ މިމަހުގެ 1 ވަނަ ދުވަހުންނެވެ. މި ބިލަކީ އެ ޤާނޫނަށް އަލުން އިޞްލާޙު ގެނެސް، އެ ޓެކްސް ކަނޑާލުމަށް ހުށަހެޅި ބިލެކެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަޤްޞަދެކެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އެއްވެސް ފަރާތަކުން ކުރާ މުޢާމަލާތެއްގެ މަޤްޞަދަކީ ޓެކުހާ ގުޅޭ މަންފާއެއް ހޯދުން ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލާތެއް ކަމަށް ބެލެވޭނެއެވެ.
އަދި ޖީއެސްޓީ ދެއްކުމުން އެއްކިބާވުމަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެ މުޢާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ބިލުގައި ލިބިދީފައިވެއެވެ. ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތަކުގެ ތެރޭގައި ދައްކަންޖެހޭ ޖީއެސްޓީގެ އަދަދު ކުޑަވުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.
ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާއެކު ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކުގެ އަތުން ނަގާ ޖީއެސްޓީއިން ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި 1,608.5 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބޭނެއެވެ.
ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ހިސާބުން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.






