Monday, October 26
ދިރުވާލައިގެން ޑްރަގު އެތެރެކުރި 62 އަހަރުގެ މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 62 އަހަރުގެ މީހާ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ/ ހަޒާރުމާގެ، އަޙްމަދު ނަސީރު (62) އެވެ.

ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިން މަޢުލޫމާތާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 427 ގްރާމު ކަމަށް ފުލުހުން ބުނެއެވެ.

އަޙްމަދު ނަސީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާތީ، ކުށުގެ ބާވަތުން އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ކޯޓުން ކަނޑައަޅައި، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ނަސީރުގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު