ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ފައިސާ މާރުކުރުމުގެ އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލުގެ މަތިން އާންމުކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ، އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ.
އަދި ސުންގަޑި ހަމަވާއިރު މި އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ގެޒެޓުކުރެވުނު އިސްލާހުތަކާ އެކު، މީގެކުރިން ތިން މަސް ދުވަހުގެ ތެރޭގައި މާރުކުރަން ލިބެމުންދިޔަ މުއްދަތު ވަނީ އެއް މަސް ދުވަހަށް ކުރުކޮށްފައެވެ. އެގޮތުން، މީގެކުރިން ސެޕްޓެމްބަރު މަހުގެ އާމްދަނީ ޑިސެމްބަރު 28 ގެ ނިޔަލަށް މާރުކުރަން ފުރުސަތު އޮތް ނަމަވެސް، މިހާރު އެ މަހުގެ އާމްދަނީ އޮކްޓޫބަރު 28 ގެ ކުރިން މާރުކުރަން ޖެހެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން މިހާރު ޖެހެއެވެ. ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ކުރިން ވެސް އޮތް ގޮތަށް، ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ އުސޫލުތަކަށް ވެސް އެމްއެމްއޭއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްނުވާ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ.
ހަމައެއާއެކު، މާރުކުރުމުގެ އިލްތިޒާމު ފުރިހަމަކުރުމަށް ހާއްސަ އެކައުންޓެއް ކަނޑައަޅައި، ރަޖިސްޓަރީ ކުރާއިރު އެ އެކައުންޓުގެ މައުލޫމާތު ހިމަނަން ޖެހޭ ގޮތަށް ވެސް ގަވާއިދަށް ބަދަލު ގެނެސްފައިވެއެވެ.






