އާދިއްތަ, October 25
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ ނޮވެންބަރު 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ.

ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ނޮވެންބަރު 3 ވަނަ ދުވަހުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމެއް ނެރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މާލެ ފިޔަވައި، އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ދެ ބަޠަލުން ނިސްބަތްވާ ހއ. ދިއްދޫ އާއި ހއ. ބާރަށުގައި، ސިފައިންގެ ފޮޓޯ މައުރަޒަކާއި، އަސްކަރީ ހުށަހެޅުމަކާއި، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. ދިއްދޫއަކީ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް އުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އެ ރަށުގައި ހަރަކާތްތައް ބާއްވާނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ.

ހއ. ބާރަށަކީ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ. ބާރަށުގައި ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު