"ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، ބ. ތުޅާދޫ ކައިރީގައިވާ ކަނޑުގެ ސަރަޙައްދުގައި "ސްޕޮޓަރ" ރާޅު މޮނިޓަރިން ނިޒާމެއް ބަހައްޓައިފިއެވެ.
މި ނިޒާމު ބަހައްޓާފައިވަނީ ތުޅާދޫ ކައިރީގައިވާ މަސްކޮޅު ނަންބަރު F08D03 ގައެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ރާޅުތަކާއި ކަނޑުގެ ހާލަތާ ބެހޭ މުހިންމު މަޢުލޫމާތު ދެނެގަތުމަށް ބެހެއްޓި ނިޒާމެކެވެ.
މި ނިޒާމުގެ ސަބަބުން ކަނޑުގެ ލޮނގަނޑަށާއި ރާޅުތަކަށް އަންނަ ބަދަލުތައް ވަގުތުން ދެނެގަނެ، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެއްކުރާ މަޢުލޫމާތުގެ ތެރޭގައި ރާޅުތަކުގެ އުސްމިނާއި ރާޅު ދަތުރުކުރާ މިސްރާބުގެ އިތުރުން، އޮއިވަރާއި ކަނޑުގެ ދިމާލަށް އަރާ ފައިބާ މިންވަރު ހިމެނެއެވެ. މިފަދަ މަޢުލޫމާތަކީ ސައިންޓިފިކް ދިރާސާތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތެކެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްތަކުގެ ގިރާ ސަރަޙައްދުތަކަށާއި ގޮނޑުދޮށްތަކަށް ކުރާ އަސަރުތައް ވަޒަންކުރުމުގައި މި ނިޒާމުން އެއްކުރާ މަޢުލޫމާތު ބޮޑު ދައުރެއް އަދާކުރާނެއެވެ. އަދި ގުދުރަތީ ކާރިސާތަކާއި މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދުރާލައި ކަނޑައެޅުމަށް ވެސް މިކަމުން އެހީތެރިކަން ލިބޭނެއެވެ.
"ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢަކީ ރާއްޖޭގެ ރަށްތައް މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަންތަނަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.






