ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތްތަކަށް، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މިއީ ރާއްޖޭގެ އެސްއެމްއީ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ފަހިކޮށްދޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މި ޚިދުމަތުގެ ދަށުން، ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، އެ ފައިސާ ޑޮލަރުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން، 1 ނޮވެންބަރު 2026 އިން ފެށިގެން މި ޚިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓުގައި ވާދަވެރިކޮށް ކުރިއަށް ދިއުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
މި ޚިދުމަތް ތަޢާރަފްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ރޭ އިޢުލާން ކުރައްވާފައެވެ.






