Saturday, October 24
އއ. މަތިވެރީ ސްކޫލުގެ ކްލާސްރޫމާއި ހޯލް އިމާރާތުގެ ބޮޑުބައި ނިމިއްޖެ

އއ. މަތިވެރީ ސްކޫލުގައި ތަރައްޤީކުރަމުންދާ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މަސައްކަތް އެއްކޮށް ނިންމާލުމާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ، މަޝްރޫޢުގެ އަދާހަމަ ހިއްސާކުރުމަށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ މަޢުލޫމާތުގައިވާ ގޮތުން، އިމާރާތުގެ ބެލްކަނީއާއި ސިޑީގެ އަތްގަނޑު (ހޭންޑްރެއިލް) ހަރުކުރުމުގެ މަސައްކަތާއި، އެތެރޭގެ ހުރިހާ ޕްލަމްބިންގ މަސައްކަތްތައް މިހާރު ވަނީ ނިންމާލެވިފައެވެ.

މީގެ އިތުރުން، އިމާރާތުގެ އެތެރޭގެ ސީލިންގ ހެދުމާއި ކަރަންޓު ވަޔަރިންގ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، އިމާރާތުގެ ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ (ޕްލާސްޓަރިންގ) 95 އިންސައްތަ މަސައްކަތް ވެސް ވަނީ ފުރިހަމަކުރެވިފައެވެ.

މި މަޝްރޫޢު ހިންގަނީ، މަތިވެރީ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ދަރިވަރުންނަށް ފަހި ތަޢުލީމީ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މުޅި މަޝްރޫޢު ނިމުމުން، މަތިވެރީ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

މި މަސައްކަތަކީ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު 15.95 މިލިއަން ރުފިޔާއަށް، އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތެކެވެ. ނަމަވެސް މަސައްކަތް ހުއްޓިފައި އޮއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސައްކަތް އަލުން ފައްޓަވާދެއްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަތިވެރީ ސްކޫލުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު