Saturday, October 24
ވިއްސާރައިގައި ފެންބޮޑުވި ރަށްރަށުން ފެން ހިންދެމުން، އެންމެ ބޮޑު ގެއްލުން ނޮޅިވަރަމަށް

ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވި ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުން ފެން ހިނދެމުން ހާލަތު ކޮންޓްރޯލް ކުރެވެމުންދާ ނަމަވެސް، އެންމެ ބޮޑު ގެއްލުމެއް އަދިވެސް ވަނީ ހދ. ނޮޅިވަރަމާއި ޅ. ނައިފަރަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ހއ. އަދި ހދ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގައި މިހާރު ދަނީ ފެން ހިންދުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

އެންޑީއެމްއޭއިން ބުނީ، ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ފެން ހިންދުމުގެ މަސައްކަތް މިހާރު މެދުކަނޑާލާފައިވާ ކަމަށާއި، އެ ރަށުގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ކުޅުދުއްފުށިން އެއްވެސް މީހަކު ކައުންސިލުން ހަމަޖައްސާ ވަގުތީ ހިޔާއަކަށް ބަދަލުވާން ނުޖެހުނު ނަމަވެސް، ފެންވަދެ ގެއްލުން ލިބުމުގެ ސަބަބުން ދެ ގެއެއްގެ މީހުން ވަނީ ގެސްޓްހައުސްތަކަށް ބަދަލުވެފައެވެ.

ނޮޅިވަރަމަށް ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެ ރަށުން ފެން ހިންދުމަށް 2 ޕަންޕު ބޭނުންކުރުމުގެ އިތުރުން، 6 ކޯރު ކަނޑައިގެން މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހދ. ނޮޅިވަރަންފަރަށް ވާރޭ ވެހުން ހުއްޓުމާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން ފެން ހިނދިފައިވާ ކަމަށާއި، އެ ރަށުގައި މިހާރު ކުރިއަށްދަނީ ފެންވަދެފައިވާ ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭވެހުން ހުއްޓުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން ހިނދެމުންދާ ކަމަށާއި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެ ރަށުގައި ވެސް ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކި ރަށްރަށުގައި ފެންބޮޑުވެ، ރައްޔިތުންގެ ގެދޮރާއި މުދަލަށް ގެއްލުންތައް ވަމުންދާތީ، ސަލާމަތީ ބާރުތަކާއި ކައުންސިލްތައް ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު