ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ރޭގަނޑު 19:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އެހެންކަމުން މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޚާއްޞަކޮށް ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.






