ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު މުނާސަބަތާ ގުޅިފައިވާ ދަތުރުފުޅަކަށެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ވަކިވަކިން ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރް، ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ އަޔާޒް ޞާދިޤު އަދި ސެނެޓުގެ ޗެއަރމަން ޔޫސުފް ރަޒާ ގިލާނީއާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، އަދި ދިފާޢީ އަދި ސަލާމަތީ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި މިހާރު އަހަރަކު ކުރެވޭ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަން ވެސް ރައީސް މުޢިއްޒު މި ދަތުރުފުޅުގައި އިޢުލާންކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.






