އަރުމީނިއާގެ ގައުމީ އެއާލައިން "ޝިރަކް އޭވިއާ" އިން އެ ގައުމުގެ ވެރިރަށް ޔެރެވާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މިއީ މި ދެ ޤައުމުގެ ދެމެދު ޝެޑިއުލް ފްލައިޓްތަކެއް ފަށާ ފުރަތަމަ ފަހަރެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝިރަކް އޭވިއާގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައެވެ. މި ދަތުރުތައް ކުރިއަށްދާނީ ޔެރެވާނުގެ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ.
ހަފުތާއަކު އެއް ދަތުރު ކުރުމަށް ރޭވިފައިވާ މި ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 737-800 މަރުކާގެ ބޯޓެވެ.
ޝެޑިއުލްގައިވާ ގޮތުން، ޔެރެވާނުން ފުރާ ފްލައިޓް އެ ގައުމުގެ ގަޑިން ފުރާނީ ފަތިހު 03:05 ގައެވެ. ތެޔޮ އެޅުމަށްޓަކައި އޮމާނުގެ މަސްކަޓުގައި ޖެއްސުމަށްފަހު ރާއްޖެ އާދެވޭނީ މެންދުރު 12:10 ގައެވެ.
ރާއްޖެއިން އެނބުރި ފުރާ ފްލައިޓް ވެލާނާ އެއާޕޯޓުން ފުރާނީ މެންދުރުފަހު 13:10 ގައެވެ. އެ ފްލައިޓް ޔެރެވާނުގައި ޖައްސާނީ އެ ރޭ 20:15 ގައެވެ. މި ދަތުރުގެ ޖުމްލަ ވަގުތަކީ ގާތްގަނޑަކަށް 8 ގަޑިއިރެވެ.
މި ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މި ދަތުރުތައް މާޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ 2026/27 ގެ ފިނި މޫސުމާ ދިމާކޮށް ޝިރަކް އޭވިއާގެ ދަތުރުތައް ފުޅާކުރުމުގެ ޕްލޭނުގެ ބައެކެވެ. މީގެ އިތުރުން އެ އެއާލައިނުން އަންނަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ.






