މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ހުންނަ މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މިއީ ރާއްޖޭގެ އެކި ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ގާއިމުކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރައެވެ. މީގެ ކުރިން، މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މިފަދަ ފިހާރައެއް ހުޅުވާފައެވެ.
މީގެ އިތުރުން މާލޭގެ ދެ ފިހާރައަކާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ.
މި ފިހާރަ ހުޅުވުމާއެކު، ފުވައްމުލަކު ރައްޔިތުންނަށް މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ހެޔޮ އަގެއްގައި މެދުނުކެނޑި ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯގެ އެހެން ފިހާރަތަކެކޭ އެއްގޮތަށް މި ފިހާރަވެސް ހަފްތާގެ ހަތް ދުވަހު ހުޅުވައި، ހުކުރު ދުވަހުވެސް ޚިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިފްކޯގެ ވިޔަފާރި ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް މިފްކޯގެ މުހިންމު އަމާޒެކެވެ.






