Friday, October 23
ޕާކިސްތާނާއެކު މިލިޓަރީ ގުޅުން ފުޅާކުރުމުން ރާއްޖެއަށް ނުރައްކާވެދާނެ: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ، ރާއްޖެއަށް ނުރައްކާވެދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅުވައިގެން، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ނަޝީދު ވިދާޅުވީ، ސަރަޙައްދީ ގޮތުން ވާދަވެރި ބޮޑެތި ޤައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އަވައްޓެރި އިންޑިއާގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަންބޮޑުވުންތައް އިތުރުވެގެންދާނެ ސަބަބެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ފާޑުވިދާޅުވެ، މީގެ ކުރިންވެސް ނަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މި މަހުގެ ތެރޭގައިވެސް ރާއްޖެ އިޤްތިޞާދީ ގޮތުން ޑިފޯލްޓް ނުވެ ސަލާމަތްވީ، އިންޑިއާއިން ދިން ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުން ކަމަށެވެ. އަދި އެކަން އެހެން އޮއްވައި، ރައީސް މުޢިއްޒު ވަޑައިގެންނެވީ ޕާކިސްތާނަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މި ދަތުރުފުޅުގައި ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިފާޢީ ދާއިރާއިން ޢާންމުކޮށް އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާއެއް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު