އިސްލާމްދީނަކީ އިންސާނާގެ ދެ ދުނިޔޭގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީންކަން ހަނދާންކޮށްދީ، އެ ދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ ރަށްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގެ މައުޟޫޢަކީ "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" އެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވެއެވެ. އަދި މިއީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ނަމަވެސް މިއަދު މުޖުތަމަޢުގެ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ދީނީ ވާޖިބުތަކަށް އިހުމާލުވެ، ދީނާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާތީ އެކަމާމެދު ޚުޠުބާގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި ޢަޤީދާގައި ސާބިތުވެގެން ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ދީނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ފުރަތަމަ ޖީލުގެ މުސްލިމުންގެ މިސާލުތައް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން ކީރިތި ރަސޫލާގެ މުއައްޛިން ބިލާލުގެފާނުގެ މޭފުޅުމައްޗަށް ބޮޑެތި ހިލަތައް އަރުވައި، މައްކާގެ ހޫނު ބިމުގައި ދަމައި އަނިޔާކުރި ނަމަވެސް "އަޙަދު، އަޙަދު" އޭ ވިދާޅުވެ ދީނުގައި ސާބިތުވެވަޑައިގެންނެވި ގޮތް ޚުޠުބާގައި ފާހަގަކުރިއެވެ.
މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބިފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މުސްލިމުން ދީނާ ދުރުހެލިވާ ވަގުތުތަކުގައި ދުޝްމަނުންގެ ބާރު ގަދަވާނެ ކަމަށާއި، އަލުން އާރާއި ބާރު ލިބޭނީ ޤުރްއާނާއި ސުންނަތަށް ރުޖޫޢަވެގެން ކަމަށް ޢުމަރުގެފާނުގެ ބަސްފުޅަކާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ވެސް އިސްލާމީ ރިވެތި އުޞޫލުތައް ދައްކުވައިދިނުމަށް ނަޞޭޙަތްތެރިވެފައެވެ. އަދި ޝިރުކާއި ބިދުޢަތުން ދުރުހެލިވެ، ހިތްނިޔަތް ﷲއަށް ޚާލިޞްކޮށް، ފަރުޟު ނަމާދުތަކާއި ޒަކާތް އަދާކޮށް، އެއް މުސްލިމަކު އަނެއް މުސްލިމަކަށް ވާގިވެރިވާ އަޚުންތަކެއްގެ ގޮތުގައި ދެމިތިބުމަށް ވެސް ޚުޠުބާގައި ގޮވާލިއެވެ.






