Friday, October 23
ބޯކޮށް ވާރޭވެހި ހދ. އަތޮޅުގެ ދެ ރަށެއްގެ 250 އަށްވުރެ ގިނަ ގެއަކަށް ފެންވަދެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ހދ. ކުޅުދުއްފުށި ސިޓީއާއި ހދ. ނޮޅިވަރަންފަރުގެ 250 އަށްވުރެ ގިނަ ގެއަކަށް ފެންވަދެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފެންބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ 190 އަށްވުރެ ގިނަ ގެއަކުން އަދި ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުއްޓަށް ރޭ 10:30 އިން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހުނު އިރު، އެ ރަށުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ކުރީގެ އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދާއި އަފީފުއްދީން ސްކޫލު ހުންނަ ސަރަހައްދާއި ރަސްމީ ބޯޅަދަނޑު ސަރަހައްދުގައެވެ. ފެންބޮޑުވުމުގެ ސަބަބުން ކޮމިއުނިޓީ ސެންޓަރު ވެސް ވަނީ ބަންދުކޮށްފައެވެ.

ކުޅުދުއްފުށީގައި ގެއްލުންވި ގެތަކުގެ ހާލަތު ސިޓީ ކައުންސިލުން ވަޒަންކުރަމުން އަންނަ ކަމަށާއި، ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކުން ކޯރުތައް ކަނޑައިގެން މޫދަށް ފެން ބޭރުވާނެ އިންތިޒާމު ހަމަޖައްސައި، ފަސް ޕަންޕު ބޭނުންކޮށްގެން ފެން ހިންދަމުން ދެއެވެ.

ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް 6527211 ނަމްބަރާ ގުޅައި ރިޕޯޓުކުރުމަށާއި، ގެއްލުންތަކުގެ ފޮޓޯ 7221621 އަށް ވައިބަރ މެދުވެރިކޮށް ހިއްސާކުރުމަށް އެދިފައެވެ.

ނޮޅިވަރަންފަރުގެ ގިނަ ގެތަކުގެ އަޑިން ފެން އަރައި، ހިފާގެންގުޅޭ ސާމާނަށް ގެއްލުންވެފައިވާ ނަމަވެސް، މީހުން ގެދޮރުން ހުސްކުރަންޖެހޭ ފަދަ ހާލަތަކަށް އަދި ނުދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެ ރަށަށް އަދިވެސް ވާރޭ ވެހެމުންދާއިރު، ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލާ ހަވާލާދީ އެ އިދާރާއިން ބުނެއެވެ.

ވިއްސާރައިގެ އަސަރުކޮށްފައިވާ ރަށްތަކުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު މެންދުރުފަހު 3:00 ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު