ވައިބާ މެދުވެރިކޮށް ޑޮލަރު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ދެ މީހަކު ޖަލަށް ލުމަށާއި ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކުދިމާގެ، ޢަބްދުﷲ ހައިޝަމް އަދި ސ. ހުޅުދޫ، ސެވީނާ، އަޙްމަދު ޛަނީފްގެ މައްޗަށެވެ.
ހައިޝަމް، އެއް އަހަރާއި 6 މަހާއި 25 ދުވަހަށް ޖަލަށް ލުމަށާއި ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމްކުރިއިރު، ޛަނީފް އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށާއި ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި "ޑޮލަރު އެކްސްޗޭންޖް" ކިޔާ ވައިބާ ޗެނަލެއްގައި ޑޮލަރު ވިއްކާ ކަމަށް ޖެހި އިޝްތިހާރަކާ ގުޅިގެން ހިނގި ހާދިސާއެކެވެ. އެ ޗެނަލް މެދުވެރިކޮށް 6,500 އެމެރިކާ ޑޮލަރު ގަތުމަށްޓަކައި، 17.15 ރުފިޔާގެ ރޭޓުން ޖުމްލަ 111,475 ރުފިޔާ އަންހެނެއްގެ އެކައުންޓަކަށް ޖަމާކުރުމުން، އެ ފައިސާއަށްވާ ޑޮލަރު ދީފައެއް ނުވެއެވެ.
ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 50,000 ރުފިޔާ ހައިޝަމްގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ. އަދި އޭގެ ތެރެއިން 25,000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށް، ބާކީ 25,000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ވަނީ ނަގާފައެވެ. މީގެއިތުރުން، އަންހެން މީހާގެ އެކައުންޓުން 25,000 ރުފިޔާ ހުޅުމީދޫ އޭޓީއެމް މެދުވެރިކޮށް ނަގާފައިވަނީ ޛަނީފްކަން ސީސީޓީވީ ފުޓޭޖްގެ އެނަލިސިސް ރިޕޯޓުން ވަނީ ސާބިތުވެފައެވެ.
މި ދައުވާއަށް ދެ މީހުން އިންކާރުކުރި ނަމަވެސް، ފުލުހުންގެ ތަހުގީގު ރިޕޯޓުތަކާއި، ބޭންކް ސްޓޭޓްމަންޓްތައް އަދި ހެކިންގެ ހެކިބަހުން ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






