ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށް، 1,088 ބޭންކް އެކައުންޓް ފްރީޒްކޮށްފިއެވެ.
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ކުރިއަށް ގެންގޮސްފައިވަނީ ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ޤައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެންނެވެ. މި އޮޕަރޭޝަން ކުރިއަށްދިޔައީ މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ.
ފުލުހުން ބުނީ، އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް 5.2 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ މާލީ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 3.1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 ޕަސެންޓެވެ.
މި މުއްދަތުގައި ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ދެނެގަނެވުނުއިރު، ތަހުގީގުތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން ތުހުމަތުކުރެވޭ 1,088 ބޭންކް އެކައުންޓެއް ވަގުތީ ގޮތުން ހިފަހައްޓައި ފްރީޒްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. މި ބާވަތުގެ 107 މައްސަލައެއް ރެކޯޑްކުރެވިފައިވެއެވެ.
ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ 80 މައްސަލައެއްވެސް މި މުއްދަތުގައި ހުށަހަޅާފައިވެއެވެ. އަދި އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއްވެސް ރެކޯޑްކުރެވިފައިވެއެވެ.
އޮޕަރޭޝަނުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، 4,126 ބޭންކް އެކައުންޓާއި ސޯޝަލް މީޑިއާގެ 570 އަށްވުރެ ގިނަ އެކައުންޓް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ރެއިޑްކޮށްފައިވެއެވެ.
މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު، އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.






