Thursday, October 22
އައްޑޫ އެއާޕޯޓުގެ ގެއްލުން 10 މިލިއަން ރުފިޔާއަށް ކުޑަކޮށްފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ އާމްދަނީއަށް މިދިޔަ އަހަރު 61 މިލިއަން ރުފިޔާ އިތުރުވެ، ކުންފުންޏަށް ލިބެމުންދިޔަ ގެއްލުމުން 10 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ބައިނަލްއަގުވާމީ އެއާޕޯޓަށް 2024 ވަނަ އަހަރު ލިބުނީ 33 މިލިއަން ރުފިޔާގެ އާމްދަނީއެވެ. ނަމަވެސް މިދިޔަ އަހަރު އާމްދަނީ ވަނީ 94.4 މިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވުމެވެ. 2024 ވަނަ އަހަރު ޖެޓް ފިއުލުން ލިބުނީ 13.6 މިލިއަން ރުފިޔާ ކަމުގައި ވިޔަސް، މިދިޔަ އަހަރު އެ އަދަދު ވަނީ 72.9 މިލިއަން ރުފިޔާއަށް އަރާފައެވެ.

އެހެނިހެން އާމްދަނީއަށް ބަލާއިރު، ގްރައުންޑް ހޭންޑްލިން ޗާޖްގެ ގޮތުގައި 9.64 މިލިއަން ރުފިޔާއާއި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. ޖުމުލަ ހިންގުމުގެ ޚަރަދު ވަނީ 55 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ޖެޓް ފިއުލް ގަތުމަށް ކަމަށްވާއިރު، އެ ޚަރަދު 66.6 މިލިއަން ރުފިޔާއަށް އަރައެވެ.

ނަމަވެސް މުވައްޒަފުންނަށް ކުރި ހޭދަ މިދިޔަ އަހަރު ވަނީ ދަށްވެފައެވެ. 2024 ވަނަ އަހަރު މުވައްޒަފުންނަށް 47.7 މިލިއަން ރުފިޔާ ހޭދަކުރިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 46.2 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ ތެރޭގައި މުސާރައާއި އުޖޫރައަށް ހޭދަކުރި 22.2 މިލިއަން ރުފިޔާއާއި، އިނާޔަތްތަކުގެ ގޮތުގައި ދިން 22 މިލިއަން ރުފިޔާ ހިމެނެއެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ކުންފުންޏަށް 78.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 68.7 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ގެއްލުމުގެ ބުރަ ބޮޑުވުމުގެ މައްސަލަ އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު