ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން، މުޖުތަމައުގައި އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީޑް އިނިޝިއޭޓިވްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިއްޔެ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތް ގުޅިގެން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި، އިޖްތިމާއީ އަދި ތައުލީމީ ގޮތުން މުޖުތަމައަށް ފައިދާހުރި އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ގައި މުރަކަ އިންދައި އާލާކުރުމަށް ފަށާފައިވާ މަސައްކަތަށް، ސީޑް އިނިޝިއޭޓިވްގެ ފަރާތުން ފަންނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.
އެޗްޑީސީން ބުނީ، އެ ދެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ވޮލަންޓިއަރުން ބައިވެރިކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އެކި ހަރަކާތްތައް ހިމެނޭ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުޅުމާލެ ތަރައްގީކުރުމެވެ. އަދި ހުޅުމާލޭގެ ފަޅާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް މި އެއްބަސްވުމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.






