Wednesday, October 21
ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޯކޮށް ވާރޭވެހި، މާލޭގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތަކުން ވެސް ފެނެއެވެ. ފެން ހިންދުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

އެމްއެންޑީއެފުން ބުނީ، މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ހަވީރު 5:00 އިން މިރޭ 9:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.

މެޓުން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ބޯ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

މި ހާލަތުގައި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ގޭގެ އޮޅިގަނޑު އުސްކުރުމަށާއި، ގެއަށް ފެންވަނުމުގެ ކުރިން ވެލިބަސްތާ ޖެހުން ފަދަ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެދިފައެވެ. އަދި އަގުބޮޑެތި މުދާ ފެން ނުޖެހޭނެ ފަދަ އުސް ތަންތަނުގައި ބެހެއްޓުމަށާއި، ކުއްލި ހާލަތެއްގައި އެހީތެރިކަން ބޭނުންވެއްޖެނަމަ ލަސްނުކޮށް 911 އަށް ގުޅުމަށްވެސް އެ އޮތޯރިޓީން ހަނދާންކޮށްދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު